ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޓީސީސީއަށް ދައްކަންޖެހިފައި އޮތް ފައިސާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން ހޯދަން، އެމްޓީސީސީން ދައުވާ ކުރި މައްސަލަ ކުރިއަށް ނުގެންދަން އެ ކުންފުނިން ނިންމައިފި އެވެ.
މިއީ، ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޑީއާރްޕީން އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.
އެ މައްސަލަ ސިވިލް ކޯޓުން ކާމިޔާބު ނުވުމުން އެމްޓީސީސީން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. އެހެން ނަމަވެސް އެމްޓީސީސީން އެދިގެން ހައިކޯޓުންވަނީ މި މައްސަލަ މިހާރު ބާތިލުކޮށްފަ އެވެ.
މިފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޑީއާރްޕީގެ ޒައީމަކީ ރައީސް މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެމްޓީސީސީ އިން ދަށު ކޯޓުގައި އެދުނެވެ. އެކަމަކު ސިވިލް ކޯޓުން 2023 ވަނަ އަހަރުގެ ޖޫން މަހު މިމައްސަލަ ނިންމީ އެމްޓީސީސީ އިން ބުނާ ފައިސާ ދެއްކުމަށް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އެމްޓީސީސީ އިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފް ކުރި ތާރީހާ ގުޅޭ މައްސަލަ ނެންގެވި އެވެ. އެކަމަކު ހައި ކޯޓުން ނިންމާފައިވަނީ އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ހައިކޯޓުގެ ނިންމުން ރައީސް މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްވެސް ކޮށްފައިވަނިކޮށް، އެމްޓީސީސީން އެދުނީ ހައިކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދާށެވެ. އެމްޓީސީސީގެ މި އެދުމާ ގުޅިގެން ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންވަނީ މައްސަލަ މިހާރު ބާތިލުކޮށްފައެވެ.