ޗެމްޕިއަންސް ލީގް

ވިލާއިން މެޗު ކާމިޔާބުކުރި ނަމަވެސް ޕީއެސްޖީ ސެމީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން 3-2ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވި ނަމަވެސް މުބާރާތުން އެ ޓީމު ކަޓައިފި އެވެ.

އެސްޓަން ވިލާގެ ކުޅުންތެރިން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެގްރިގޭޓް ނަތީޖާއިން 5-4 އިން ޕީއެސްޖީ ކުރީގައި އޮތުމާއެކު، ސެމީ ފައިނަލްގެ ޖާގަ ފްރާންސްގެ ޕީއެސްޖީއަށް ލިބިގެން ދިޔައީ އެވެ.

ފުރަތަމަ ލެގްގައި 3-1ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިވެފައިވާތީ ރޭގެ މެޗަށް ނިކުންއިރު ވިލާއަށް އޮތީ މަދުވެގެން ދެ ލަނޑުގެ ލީޑަކުން މޮޅުވާން މަޖުބޫރުވެފަ އެވެ.

މެޗުގެ 11 ވަނަ މިނެޓްގައި ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނެޒްގެ ކުށަކުން އަޝްރަފް ހަކީމީ ޕީއެސްޖީއަށް ލީޑް ހޯދައިދިނެވެ. އަދި އެއަށްފަހު ނޫނޯ މެންޑެސް 18 ވަނަ މިނެޓްގައި ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހި އެވެ. އެހިސާބުން ރޭގެ މެޗުގައިވެސް ވިލާއަށް މަދުވެގެން 4 ލަނޑު ޖަހަން މަޖުބޫރުވި އެވެ.

ވިލާގެ ސަޕޯޓަރުންގެ ސަޕޯޓާ އެކު މެޗުގެ 34 ވަނަ މިނެޓްގައި ވިލާގެ ޔޫރީ ޓީލެމަންސް ޖެހި ލަނޑާއެކު، އެ ޓީމަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބުނެވެ.

ދެވަނަ ހާފްގެ 55 ވަނަ މިނެޓްގައި ޖޯން މެކްގިން ޖެހި ގޯލާއި، 57 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑްގެ ރަނގަޅު ކްރޮސްއަކުން ޑިފެންޑަރު އެޒްރީ ކޮންސާ ޖެހި ލަނޑާއެކު ވިލާއިން 3-2 އިން ކުރިއަށް ޖެހިލި އެވެ.

އެހެންނަމަވެސް ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާގެ މޮޅު ސޭވްތަކާ އެކު، ވިލާއަށް އެގްރިގޭޓް ނަތީޖާ އަނބުރާ ލެވޭ ގޮތެއް ނުވި އެވެ. ހާއްސަކޮށް ރަޝްފޯޑް، ޓީލެމަންސް އަދި ބަދަލު ކުޅުންތެރިޔަކަށް އެރި މާކޯ އަސެންސިއޯގެ މުހިއްމު ޝޮޓުތައް ޑޮނަރުއްމާ ހުއްޓުވި އެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ސެމީގައި އެ ޓީމުން ބައްދަލުކުރަންޖެހޭނީ އާސެނަލް ނުވަތަ ރެއާލް މެޑްރިޑާ އެވެ.