ޗެމްޕިއަންސް ލީގް

ސެމީ ފައިނަލުގެ ޖާގައެއް ބާސެލޯނާއިން ހޯދައިފި

ސްޕެއިންގެ ބާސެލޯނާއިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބާސާއަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވީ ކުއާޓަ ފައިނަލްގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް އަތުން 3-1 އިން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން 5-3 އަށް މޮޅުވެގެންނެވެ.

ފުރަތަމަ ލެގުގައި ބާސެލޯނާއިން މޮޅުވެފައިވަނީ 4-0 ގެ ބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކުގައި ކުރިއަށް ދިޔަ ދެވަނަ ލެގުގައި ޑޯޓްމަންޑްގެ ކުޅުންތެރިޔާ ސާރްހޫ ގިރެސީ ހެޓްރިކެއް ހަދައި އެ ޓީމަށް ކުރިއެރުމެއް ހޯދައިދިނެވެ.

މެޗުގެ 11 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ޖެހުމަށްފަހު، ދެވަނަ ހާފު ފެށިތާ ހަތަރުވަނަ މިނިޓުގައި ރަމީ ބެންސެބައިނީގެ އެހީތެރިކަމާއެކު ގިރެސީ ދެވަނަ ލަނޑު ޖެހި އެވެ. އަދި މެޗުގެ 76 ވަނަ މިނިޓުގައި ގިރެސީ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ހެޓްރިކާއެކު ގިރެސީ ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖުމްލަ 13 ލަނޑު ޖަހާފަ އެވެ.

މީގެ އިތުރުން މެޗުގެ 54 ވަނަ މިނިޓުގައި ބެންސެބައިނީ ވަނީ އަމިއްލަ ގޯލަކުން ލަނޑެއް ޖަހައި ބާސެލޯނާއަށް އެއް ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މި ލަނޑާއެކު އެގްރިގޭޓް ނަތީޖާ 5-3 އަށް ބަދަލުވެގެން ދިޔަ އެވެ.

މިއީ 2019 ވަނަ އަހަރަށްފަހު ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭނީ އިންޓަ މިލާނާއި ބަޔާން މިއުނިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގުގައި އިންޓަ މިލާން ވަނީ 2-1 އިން މޮޅުވެފަ އެވެ.