ދެ ސައިކަލް ޖެހި މާލޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބީޖީ ގަރާޖް ސަރަހައްދުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ ހިނގި އެކްސިޑެންޓަކީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި ބާރު ސްޕީޑްގައި ދުއްވި ސައިކަލަކީ ފުލުހުންގެ ޕްޓްރޯލް ސައިކަލެއްގައި ޖައްސާފައި އައި ސައިކަލެއް ކަމަށެވެ. އެ ސައިކަލްގައި ތިބި ދެ މީހުން ވަނީ ފިލާފަ އެވެ.
އޮފިޝަލް ވިދާޅުވީ، ބާރު ސްޕީޑްގައި ދުއްވި ސައިކަލްގެ މަޑި ދަށުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ދެ ފުޅި ފެނިފައިވާ ކަމަށެވެ. އަދި އެ ސައިކަލްގައި ތިބި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކްސިޑެންޓްވި އަނެއް ސައިކަލްގައި އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. އެމީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.