އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަންގެ ފްލައިން ސްކޫލު ހިންގަން އަނެއްކާވެސް އެހެން ބަޔަކަށް

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އައްޑޫ ސިޓީގެ ގަމުގައި "މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ"ގެ ނަމުގައި ހަދާފައިވާ ފްލައިން ސްކޫލް ހިންގަން ބަޔަކާ ހަވާލުކުރަން ނިންމައިފި އެވެ.

އައިއޭއެސް އިން އެ މައުލޫމާތު އަދި ހާމަކޮށްފައި ނުވި ނަމަވެސް ފްލައިން ސްކޫލުގެ ދަރިވަރުންނަށް ވަނީ އެކަން އަންގާފަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އައިއޭއެސްގެ ފްލައިން ސްކޫލު ހިންގަން ހަވާލުކުރަނީ ޒެނިތު އޭވިއޭޝަން އެކަޑެމީ އަށެވެ.

ރާއްޖޭގައި މިއަހަރުގެ ކުރީކޮޅު ރަޖިސްޓްރީކޮށްފައިވާ ޒެނިތު އޭވިއޭޝަން އެކަޑެމީ އަކީ އެޓޯލް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑާއި ސިމްޕްލިފައި ހޯލްޑިންސް ގްރޫޕްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޒެނިތު އޭވިއޭޝަން އެކަޑެމީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިންޑިއާއަށް ނިސްބަތްވާ ސަންދީޕް ކުމާރެވެ. ސީއޯއޯ އަކީ އިސްމާއީލް ރަޝީދު ކިޔާ ބޭފުޅެކެވެ.

އައިއޭއެސް އިން މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ނަމުގައި ފްލައިން ސްކޫލެއް ހެދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ. އެކަމަކު އެ ތަނުގައި ރަސްމީކޮށް ކިޔަވައިދޭން ފެށީ ޖެނުއަރީ 10، 2022 ގައެވެ.

އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާ ދެމެދު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދައިގެން ފްލައިން ސްކޫލު މިހާތަނަށް ހިންގަމުން އައީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްގެންނެވެ. ނަމަވެސް އަނެއްކާވެސް އެހެން ބަޔަކަށް އައިއޭއެސްގެ ފްލައިން ސްކޫލު ދޭން ނިންމާފައި މިވަނީ އައިއޭއެސްއަށް ލިބެމުންދާ މާލީ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކަމަށް އެނގިފައިވެ އެވެ.

އައިއޭއެސް އިން ފްލައިން ސްކޫލެއް 2021 ވަނަ އަހަރު ހެދުމާ ހަމައަށް އޭގެ ކުރިން 12 އަހަރު ވަންދެން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމާ ގުޅިގެން 2021 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ ރާއްޖެއިން ފޮނުވާލާފަ އެވެ.