އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ނިންމާ ބިން ހަވާލުކޮށްފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި މިސްކިތް އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ލޮޓު 22386 ގައެވެ. ގާތްގަނޑަކަށް 2500 އާއި 3000 މީހުންގެ ޖާގައިގެ މި މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވަނީ 18720.79 އަކަފޫޓުގެ ބިމެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ކަމަށާއި ކޮންޓްރެކްޓަރެއް ހަމަޖައްސަނީވެސް ހަރަދުކުރާ ފަރާތުން ކަމަށެވެ.

ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ދުވަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި މިސްކިތް ނިމޭއިރު ސޯލާއާއި އޭސީ ހަރުކުރެވިފައި ހުންނާނެ އެވެ. އަދި މިސްކިތް ޑިޒައިން ކޮށްފައިވަނީ ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.

ހުޅުމާލޭގައި މިހާރު އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ހުޅުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.