ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި އިންޓަ މިލާން 2-2 އިން އެއްވަރުވުމާއެކު، އިންޓަ މިލާނުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފައިނަލް މެޗު، އަލިއާންޒް އެރީނާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި ފައިނަލް ކުޅުމުގެ އުއްމީދުތަކަށް މިހާރު ވަނީ ނިމުމެއް އައިސްފަ އެވެ.
ކުއާޓަ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކްގެ ދަނޑުގައި އިންޓަ 2-1 އިން މޮޅުވެފައިވާއިރު ރޭ އިޓަލީގެ މިލާންގައި ހުންނަ ސެން ސީރޯގައި ކުޅުނު ދެވަނަ ލެގްގެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ދެ މެޗަށް ބަލާއިރު އިންޓަ މިލާން ވަނީ 4-3 އިން ކުރި ހޯދާފަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ބަޔާން މިއުނިކް އެވެ. ދެވަނަ ހާފު ފެށިގެން 52 ވަނަ މިނެޓްގައި ލެއޯން ގޮރެޓްޒްކާގެ އެހީތެރިކަމާއެކު ހެރީ ކޭން ގޯލެއް ޖަހައި ބަޔާނަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނުމެވެ. ނަމަވެސް މާގިނަ ވަގުތެއް ނުވަނީސް 58 ވަނަ މިނެޓްގައި ލައުޓާރޯ މާޓީނޭޒް ވަނީ އިންޓައަށް ގޯލެއް ޖަހައިދީ މެޗު އެއްވަރުކޮށްފަ އެވެ. އޭގެ އަށެއްކަ މިނެޓް ފަހުން، 61 ވަނަ މިނެޓްގައި ބެންޖަމިން ޕަވާޑް ގޯލެއް ޖަހައި އިންޓައަށް ލީޑު ހޯދައިދިނެވެ.
މެޗުގެ 76 ވަނަ މިނެޓްގައި ސާޖް ގްނަބްރީގެ އެހީތެރިކަމާއެކު އެރިކް ޑަޔާ ގޯލެއް ޖަހައި، ބަޔާން މިއުނިކަށް އަނެއްކާވެސް މެޗު އެއްވަރުކޮށްދިނެވެ. މި ނަތީޖާއާއި އެކު ކުއާޓަ ފައިނަލުން ބަޔާން ބަލިވެ، ސެމީ ފައިނަލުން އިންޓައަށް ފުރުސަތު ލިބުނީ އެވެ.
އިންޓަ މިލާނުން ސެމީ ފައިނަލްގައި ބައްދަލުކުރާނީ ސްޕޭންގެ ވަރުގަދަ ބާރު -- ބާސެލޯނާއާ އެވެ. އިންޓަ މިލާނުން 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރުވެސް ސެމީ ފައިނަލްގައި ވަނީ ބާސެލޯނާ ބަލިކޮށްފަ އެވެ.