ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލައި، އާސެނަލް 16 އަހަރަށްފަހު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި 3-0 އިން މޮޅުވުމަށްފަހު، ރޭ ސަންޓިއާގޯ ބާނަބައު ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި އާސެނަލް 2-1 އިން މޮޅުވެގެން އެގްރިގޭޓުން 5-1ގެ ބޮޑު ސްކޯއަކުން ރެއާލް މެޑްރިޑް ބަލިކުރި އެވެ.
ދެވަނަ ލެގުގައި އާސެނަލަށް ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް ބުކާޔޯ ސަކާ ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ މަތަކުރީ އެވެ.
ދެވަނަ ހާފުގައި މެޗުގެ 65 ވަނަ މިނިޓުގައި މިކޭލް މެރީނޯގެ އެހީތެރިކަމާއެކު ސަކާ އާސެނަލަށް ލީޑު ނަގައިދިނެވެ. ނަމަވެސް އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ހެދި ގޯހަކުން ދެ މިނިޓް ފަހުން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އެއްވަރު ކުރި އެވެ.
އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ގަބްރިއެލް މާޓިނެލީ ޖެހި ގޯލުން އާސެނަލް މެޗު ކާމިޔާބު ކުރަންޖެހޭ ގޯލް ޖެހި އެވެ. މިއީ ރެއާލް މެޑްރިޑްއާ ދެކޮޅަށް އާސެނަލްގެ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓާލި މެޗެކެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އާސެނަލް ކުޅޭ ތިންވަނަ ފަހަރެވެ. އެންމެ ފަހުން އެ ޓީމުން ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު އެވެ. އާސެނަލް އެންމެ ފަހުން ރެއާލް މެޑްރިޑް ކަޓުވާލީ 2006 ގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައެވެ.
އާސެނަލުން ސެމީ ފައިނަލްގައި ބައްދަލުކުރާނީ ފްރާންސްގެ ޕީއެސްޖީއާ އެވެ. އާސެނަލް އިން މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގައި ޕީއެސްޖީއާ ކުޅެގެން މޮޅުވެފައިވާއިރު، ޕީއެސްޖީން ވަނީ މި ފަހަރުގެ މުބާރާތުގެ ގަދަ 16 ގައި ލިވަޕޫލް އަދި ކުއާޓާ ފައިނަލްގައި އެސްޓަން ވިލާ ކަޓުވާލާފަ އެވެ.