ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން ފަސް ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 736،775 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މީގެ ތެރެއިން 516،174 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު މިއީ މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 70.1 ޕަސެންޓެވެ.
ރިސޯޓުތަކަށްފަހު ފަތުރުވެރިން ދެން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 179،878 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު މިއީ މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 24.4 ޕަސެންޓެވެ.
ޓޫރިސްޓް ހޮޓާތަކުގައި 21،852 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ސަފާރީ އުޅަނދުތަކުގައި 18،379 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 493 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 81،001 ފަތުރުވެރިން
- އިނގިރޭސިވިލާތް - 80،535 ފަތުރުވެރިން
- ރަޝިއާ - 76،243 ފަތުރުވެރިން
- އިޓަލީ - 63،995 ފަތުރުވެރިން
- ޖަރުމަނު - 57،081 ފަތުރުވެރިން
- އިންޑިއާ - 36،941 ފަތުރުވެރިން
- ފްރާންސް - 28،983 ފަތުރުވެރިން
- އެމެރިކާ - 23،720 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 16،766 ފަތުރުވެރިން
- ޕޮލެންޑް - 14،184 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 808 ގެސްޓްހައުސް އާއި 156 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.
ރިސޯޓުތަކުގައި ފަތުރުވެރިންނަށް 43،147 އެނދު ހުރިއިރު ގެސްޓްހައުސްތަކުގައި ހުރި އެނދުގެ އަދަދަކީ 13،762 އެވެ. މީގެ އިތުރުން ޓޫރިސްޓް ހޮޓާތަކުގައި 2،038 އެނދު އަދި ސަފާރީތަކުގައި 3،126 އެނދު އެބަހުއްޓެވެ.