އުރީދޫ

އުރީދޫ ނޭޝަންގެ އިންޓަ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި

އުރީދޫ ނޭޝަންގެ އިންޓަ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި އިންޓަ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އޮންނާނީ މިމަހުގެ 27 އިން 30 އަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެ އެވެ.

މުޅިން އޮންލައިންކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ހުށަހަޅާފަ އެވެ. އެ ގޮތުން ޕަބްޖީ އަށް އަދި މޮބައިލް ލެޖެންޑްސް އަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ކޮންމެ ގޭމެއްގެ އެއް ވަނަ އަށް 5،000ރ.، ދެ ވަނައަށް 3،000ރ. އަދި ތިން ވަނަ އަށް 2،000ރ. ވަނީ ހުށަހަޅާފަ އެވެ.

ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާއިރު އިންޓަ ރިސޯޓު އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުން ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

މިއީ ޓްރެޑިޝަނަލް ހޮސްޕިޓަލިޓީ ސެޓިންގެ ބޭރުން ރިސޯޓު މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއް ކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.

މި މުބާރާތުގެ އިތުރު މައުލޫމާތާއި އަޕްޑޭޓް އަދި ލައިވް ކަވަރޭޖް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާއިން ގެނެސްދޭނެ އެވެ.