ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއެއް އަތޮޅުތަކުގައި އަންނަ މަހު ފެށުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހު ފަށާނެ ކަމަށެވެ.
އެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ހަ ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްދާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދާ ރަށްތައް
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ރ. އުނގުފާރު
- ބ. އޭދަފުށި
- އއ. ފެރިދޫ
- ދ. ކުޑަހުވަދޫ
- ގދ ތިނަދޫ
- ލ. ގަން
- ސ. ހިތަދޫ
މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އެގޮތުން އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެ ރަށްތައް
- ހއ. އުތީމު
- ނ. ވެލިދޫ
- ރ. މަޑުއްވަރީ
- ދ. މީދޫ
- ތ. ކިނބިދޫ
- ތ. ގުރައިދޫ
- ގދ. ގައްދޫ
- ލ. އިސްދޫ ކަލައިދޫ
މީގެ އިތުރުން ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް އެމަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.