ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ތިން ދުވަހުގެ ފޯރިގަދަ މަސް ރޭސް ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
އަންނަ މަހުގެ 2 އިން 4 އަށް މެރީނާ ބޭ ކްރޮސްރޯޑުގައި ބާއްވާ މި މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެނިގެންދާނެ އެވެ.
މި މުބާރާތުގައި ރާޢްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފްލައި ނަވާރޯ ފެނިގެންދާނެ އެވެ.
މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު ބާއްވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށެވެ.
މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާޢްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމެކެވެ.
ވިޒިޓް މޯލްޑިވްސް ކްލަބަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބެވެ.
މި ކްލަބުގެ މަގުސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން ބުރުނު ބޮމަ ވެގެންދާނީ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަކަށް ލިބިގެންދާނެ ކުރިއެރުމެކެވެ.
ދިރާގަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ ކަނޑުތައް ހިމާއަތްކޮށް ދެމެހެއްޓިނިވި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ބައިވެރިވެ، މިފަދަ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.