ޑރ. މުހައްމަދު މުއިއްޒު

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަތަރު ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންމެ ސުވާލެއްވެސް ކުރެއްވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް ރައީސް ވަނީ ނޫސްވެރިންނަށް ދައުވަތު ދެއްވާފަ އެވެ.

މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ތައްޔާރަށް ހުންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.