މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި މި ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، އަމަލީ ގޮތުން އޭގެ ފައިދާ މިސަރުކާރުގެ ތެރޭގައި ކުރަން ފަށާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި މިއަދު ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލްކަން މިހާރު ހުރި 8،500 ޓަނުން އިތުރުކުރުމަށް ފަށާފައިވާ މަޝްރޫއު، ބާރު ދުވެލީގައި ނިމި، 25،000 ޓަނާ ހަމައަށް އިތުރުކުރެވޭނޭ ކަމަށް ވިދާޅުވި އެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ޕްރޮސެސިން ކެޕޭސިޓީ މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި މަޝްރޫއުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައި ހުރި މަޝްރޫއުތަކެއް،" ޔަގީންކަމެއް ދެއްވަމުން ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ތެލާއި އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގެ ގޮތުން ކަމުގައިވިޔަސް އަދި ވަސީލަތް ގާއިމުކުރެއްވުމުގެ ގޮތުން ކަމުގައިވިޔަސް މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.
"އެކަންކަން ކުރަމުން މިދަނީ މަސްވެރިންގެ އަޑު ގާތުން އަހައިހެން މަސްވެރިންގެ ހިޔާލުތަކާ އެއްގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވީ ގޮތަށް މިއަހަރު ނިމެން ވާއިރަށް ކޮންމެ އަތޮޅެއްގައި ކަނޑައެޅިފައިވާ ރަށަކުން އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިން ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ. އާރްއެސްޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަގުބަލްގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވެފަ އެވެ.