މާލެއާއި އަތޮޅުތަކުގެ ޤުރުއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުޞްހަފު، ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
ހަދިޔާ ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި 25،000 މުޞްހަފު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.
މި މުޞްހަފްތައް ދިވެހި ސަރުކާރާ މިއަދު ރަސްމީކޮށް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއާޒް ފަހުދު އަލްދޯސްރީ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މުޞްހަފްތަކާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މުޞްހަފްތައް ހަދިޔާކޮށްދެއްވީތީ މިނިސްޓަރު ޝަހީމް ވަނީ ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން އަބްދުލް އަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ޝުކުރުއަދާކުރައްވާފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ފުޅާކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. ސައުދީ ސަރުކާރުން މިއަދު ހަދިޔާ ކުރެއްވި 25،000 މުސްޙަފަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވިގެންދާނެ މުޞްހަފްތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.