ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ މެންބަރު އަހްމަދު އީސަގެ މައްޗަށް ދައުލަތުން އުފުލި ގެވެށި އަނިޔާގެ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދައުލަތުން އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ ކުރީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމަށް އީސަ އަނިޔާ ކުރި ކަމަށް ބުނެ އަޒްރާ ފުލުހަށް ހުށަހެޅި މައްސަލައެއްގައެވެ.
އެކަމަކު ތަހުގީގަށް ދެ ބަޔާނެއް ދިނުމަށްފަހު އަސްރާ ވަނީ ފަހުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ފުލުހުންނަށް އަންގާފަ އެވެ. އަދި ތަހުގީގަށް ދިން ދެވަނަ ބަޔާނުގައި އޭނާ ސޮއި ނުކުރާ ކަމަށްވެ އެވެ. އެކަމަކު ފުލުހުން ވަނީ މިމައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފަ އެވެ.
ދައުލަތުން ދައުވާ ކުރުމުން އަސްރާ އާއި އެހެން ބައެއް ހެކިވެރިން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އަސްރާގެ ދެވަނަ ބަޔާނުގައި އޭނާ ސޮއި ނުކުރާ ކަމަށް ބުނި ނަމަވެސް ހުކުމްގައި ވަނީ އެ ބަޔާނުގައި ސޮއި އޮތް ކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް އެއީ އަސްރާގެ ސޮޔާއި އިނގިލީގެ ނިޝާން ކަމާ ދޭތެރޭ ހުކުމްގައި ސުވާލު އުފައްދާފައިވެ އެވެ. އަދި ތަހުގީގަށް އަސްރާ ދިން ދެވަނަ ބަޔާނުގެ އޯޑިއޯ ހުށަހަޅާފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ.
ދައުވާގައި ބުނާ ގޮތަށް އަސްރާ ނަސީމަށް އީސަ އަނިޔާކުރި ކަމަށް އޭނާ ކަބުނާ މާ މެދު ސުވާލު އުފެދޭ ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ބައެއް ސީސީޓީވީ ފްޓޭޖުވެސް ހުށަހަޅާފަ އެވެ.
މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެކި ލިބިފައިވާނަމަ އެވެ. ކޯޓުން ވަނީ އެގޮތަށް ހެކި ލިބިފައި ނުވާތީ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ.
އަސްރާ ނަސީމަށް އީސަ އަނިޔާ ކުރި ކަމަށް ބުނި މައްސަލަ ފެންމަތިވުމުން އެތައް ބަޔަކު އޭރު ވަނީ އީސަގެ އިސްތިއުފާއަށް ގޮވާފަ އެވެ. އަދި އޭރު އީސަ މަޖިލީހުގައި އަދާކުރައްވަމުން ގެންދެވި ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މެންބަރުން ބާރު އެޅުއްވުމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.