ހައިކޯޓް

ހައިކޯޓުގެ އިސްފަނޑިޔާރަކަށް ފައިސަލް އައްޔަންކުރަން ނިންމައިފި

ހުސްވެފައިވާ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހަމަޖެއްސުމަށް ނިންމައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެގޮތަށް ނިންމީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އޮތް ކޮމިޝަންގެ ބައްދަލުވުމުގައެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލުމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލި ފުރުސަތު ހަމަވީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ.

މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ހައިކޯޓުގައި މިވަގުތު ތިއްބެވި 10 ފަނޑިޔާރުންގެ އެންމެ ސީނިއާ ދެ ފަނޑިޔާރުން ކަމަށްވާ މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު ނިޔާޒު އެވެ. ދެ ފަނޑިޔާރުންވެސް ހައިކޯޓަށް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް

ފަނޑިޔާރު މުހައްމަދު ފައިސަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީއަތާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބަރުގައި މަސައްކަތް ކުރައްވާފައިވެ އެވެ.

ފައިސަލް ވަނީ މެއި 22، 2014 އިން ފެށިގެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވައި، ޖުލައި 13، 2014 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަންނަވަންދެން ޖޭއެސްސީގެ ނައިބްރައީސްގެ މަގާމު ފުރުއްވާފަ އެވެ.

ފަނޑިޔާރު ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުކުރައްވާފައިވަ ޖުލައި 24، 2018 ގައެވެ.

ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވީވެސް ފައިސަލް އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒު

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ނިޔާޒު، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ ޖެނުއަރީ 25، 2018 ގައެވެ. ނިޔާޒު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި އެވެ. އަދި ނިޔާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މި ވަގުތުގެ ނައިބް ރައީސް އެވެ.