ޑޮނަލްޑް ޓްރަމްޕް

އީރާނާ ދެކޮޅަށް އިޒްރޭލުން ދޭން އުޅުނު ހަމަލާއަށް ހުރަސްއެޅުއްވީ ޓްރަމްޕް

ޔަހޫދީ އިޒުރޭލު ދައުލަތުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދޭން ރޭވި ހަމަލާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރަސްއަޅުއްވާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް ނޫހުން ރިޕޯޓްކޮށްފި އެވެ.

މިމައުލޫމާތު ހާމަވެފައި މިވަނީ އިޓަލީގެ ވެރިރަށް ރޯމްގައި އެމެރިކާއާއި އީރާނުގެ ދެމެދުގައި މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

އެމެރިކާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ޙަމަލާދިނުމަށް ޔަހޫދީން އަނެއްކާވެސް ވަނީ ރާވާފަ އެވެ. ހަމަލާތަކުގައި އެމެރިކާގެ އެހީތެރިކަން ހޯދުމަށް ޔަހޫދީ ދައުލަތުން ޓްރަމްޕަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސްވެ އެވެ.

އެހެންނަމަވެސް މި މައްސަލައަށް ވަރަށް ގިނަ ދުވަހު ވިސްނުމަށްފަހު، މިވަގުތު އީރާނަށް ހަމަލާދިނުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލުން ހައްލެއް ހޯދުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށްވެސް ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ.

އިރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވީ އޮމާންގައެވެ. އެ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ދެ ގައުމުންވެސް ބުންޏެވެ.

މަޝްވަރާތައް ނާކާމިޔާބުވެ، އީރާނުން އެމެރިކާގެ ޝަރުތުތައް ގަބޫލުނުކޮށްފިނަމަ، އީރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އިޒުރޭލަށް އޮތް ނުރައްކަލެއް ކަމުގައި ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށާއި އެ ޕްރޮގްރާމު ކޮންޓްރޯލް ކުރުމަކީ އެމެރިކާގެ އަމާޒެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.