ދުނިޔެ

އިޒުރޭލުގައި ހަނގުރާމަ ހުއްޓާލަން ގޮވާލައި ޕެޓިޝަންތަކުގައި ސޮއިކުރަނީ

އިޒްރޭލުގައި ހަނގުރާމަ ހުއްޓާލަން ގޮވާލައި ޕެޓިޝަންތަކުގައި ސޮއިކުރި މީހުންގެ އަދަދު 120،522 އަށް ވުރެ މައްޗަށް އަރައިފި އެވެ. އާންމުކޮށް ހުޅުވާލާފައި ހުރި މި ޕެޓިޝަންތަކުގައި، ސިފައިންގެ އެކި ދަރަޖަތަކުގެ އޮފިސަރުންނާއި ޖެނެރަލުން ވެސް ވަނީ ސޮއިކޮށްފަ އެވެ.

މިއީ އޮންލައިންކޮށް ހުޅުވާފައި ހުރި އިލެކްޓްރޯނިކް ޕެޓިޝަންތަކެކެވެ. މިއިން ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކުރިން، އެ ޕެޓިޝަނެއްގެ މަގުސަދާއި ބޭނުން ކޮންމެ މީހަކަށްވެސް ކިޔައި ތަފުސީލުކުރެވެ އެވެ.

އިޒުރޭލުގެ ނޫސްތައް ބުނާ ގޮތުން މި ޕެޓިޝަންތަކުގައި ޔަހޫދީ ދައުލަތަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައި ތިބި އިއްޒަތްތެރިން ވެސް ހިމެނެ އެވެ. މި ގޮތުން އިޒުރޭލުގެ ކުރީ ބޮޑުވަޒީރު އިހޫދު ބާރަކް، ސިފައިންގެ ކުރީގެ ވެރިޔާ ދާން ހަލުޒް އަދި ކުރީގެ ނޭވީ ކޮމާންޑަރު އަމީ އަޔާލޮން ހިމެނެ އެވެ.

މީގެ އިތުތުން ޔަހޫދީންގެ ތެރޭގައި ނުފޫޒުގަދަ ސަޚުސިއްޔަތުތަކާއި ބޭސްވެރިންނާައި ލިޔުންތެރިން އަދި ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.

ޕެޓިޝަންތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށެވެ. އަދި ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމަށެވެ. އަސީރުން މިނިވަންކުރުމަށް ޝަރުތެއް ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

އިޒުރޭލުގެ ފަތުއަޑުކިޔާފައި ސޮއިކުރަމުން އަންނަ މި ޕެޓިޝަންތަކަށް ރައްދުދެއްވައި، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސޮއިކުރާ މީހުންނަށް އިންޒާރުދެއްވާފަ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުން ޕެޓިޝަންތަކުގައި ސޮއިކުރާ މީހުންގެ ތެރޭގައި، ދައުލަތުގެ ވަޒީފާގައި ތިބި މީހުން ވަޒީފާއިން ވަކިކުރެވޭނެ އެވެ. އަދި ދައުލަތުން ޕެޝަންދޭ މީހުންގެ ޕެންޝަނުން އުނިކުރެވޭނެ އެވެ.

އިޒުރޭލުގައި ޕެޓިޝަންތައް ހަދައި ސަރުކާރާ ދެކޮޅުވުމަކީ ބޭރުން އެތެރެކޮށްފައި އޮތް އެޖެންޑާއަކަށް ސިޔާސީ ވާދަވެރިން ހިންގާ މަކަރުވެރި ބަޣާވާތެއް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވީ ސަރުކާރާ ދެކޮޅު ހަދާ މީހުން ހިފާ ހައްޔަރުކުރެވޭނެ ކަމަށާއި، އާންމުންގެ ތެރޭގައި ފިތުނަ އުފައްދާ ނަމަ އެކަށީގެންވާ ހުކުމެއް ވެސް އަތުވެދާނެ ކަމަށެވެ.