ދުނިޔެ

ރަޝިއާ، ޔުކްރޭން ސުލްހައިގެ މަޝްވަރާތައް ހުއްޓާލަން ޖެހިދާނެ: އެމެރިކާ

ޔުކްރޭން، ރަޝިއާ ސުލްހައިގެ މަޝްވަރާތަކުން އެކަށީގެންވާ ނަތީޖާއެއް ނުލިބި ދިގުލާ ގޮތް ދިމާވެއްޖެ ނަމަ، މަޝްވަރާތަކުން ބޭރުވެ ދެ ގައުމު ސުލްހަކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

މާކޯ ރޫބިއޯ ވިދާޅުވި ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ ވިސްނުމަކަށް ވާނީ ޔުކްރޭން ހަނގުރާމަ ހުއްޓުވިދާނެތޯ ބެލުމެވެ. އެއީ ނުވާނެ ކަމެއް ކަމަށް ބުރަވެއްޖެ ހާލަތުގައި އޮންނާނެ ހަމައެކަނި އިޚުތިޔާރަކީ މަޝްވަރާތައް ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވުމަކީ އެމެރިކާޣެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، ޓްރަމްޕް އުންމީދުކުރެއްވި ގޮތަށް މަޝްވަރާ މޭޒު ދޮށުން ކަންކަން ހާސިލުކުރުން ދަތި ހާލަތު މިހާރު އޮތީ ކުރިމަތިވެފަ އެވެ.

ރަޝިއާ ބުނާ ގޮތުން އެ ގައުމުގެ ސިފައިން އިސްތިއުމާރުކޮށްފައި އޮތް ޔުކްޜޭންގެ ބިންތައް ދޫކޮށްލަން މަޖުބޫރުވާ ހާލަތެއްގައި، ސުލްހަވުމެއް ނޯންނާނެ އެވެ. ޔުކްރޭން ހަނގުރާމަ ހުއްޓުވަން އެމެރިކާ ބޭނުންވާ ނަމަ އޮތް ޝަރުތަކީ ރަޝިއާއަށް އެ ބިންތައް ދޫކޮށްލަން ބައިނަލްއަގްވާމީ މުޖުތަމައުއަށް މަޖުބޫރުކުރުން ކަމަށް ރަޝިއާއިން ވަނީ ބުނެފަ އެވެ.

ރޫބިއޯ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވަން ދާއީދުކުރާ ގައުމުތައް ގިނަ ނަމަވެސް، އަމަލީ ގޮތުން ހަނގުރާމައިގެ މައިދާނުގައި ތިބި ދެ ގައުމުން މެދުވެރިކުރާ ޝަރުތު މާގިނައީ އެވެ.

ޔުކްރޭން ހަނގުރާމަ އަކީ އެ ގައުމުގެ ރައީސް ޒެލެސްންކީ ކޮސްކަމުން ކުރާ ހަނގުރާމައެއް ކަމަށް ޓްރަމްޕް ވެސް ވިދާޅުވި އެވެ. ހަނގުރާމަ ފެށުނުއިރު އޭނާ ވެރިކަމުގައި ހުންނެވި ނަމަ، އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ހަނގުރާމައެއް ނޫން ކަމަށް ޑޮނަލްޑް ޓްރަމްޕް އަބަދުވެސް ވިދާޅުވެ އެވެ.