ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 70 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 736.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 2.5 ބިލިއަން ރުފިޔާއަށްވުރެ 1.7 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ދައުލަތުގެ ބަޖެޓުގައި މި އަހަރު ޕީއެސްއައިޕީއަށް 12.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ.
އެއާޕޯޓް މަޝްރޫއުތަކަށް 312.5 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 103 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ހާބަރު މަޝްރޫއުތަކަށް 52.6 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބްރިޖު މަޝްރޫއަށް 27.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.