އައިޖީއެމްއެޗްގެ އޯޕީޑީ ވަގުތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައިވެސް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދެތިން މަސް ދުވަހު ކިޔުގައި މަޑުކުރަންޖެހޭ ކަމަށެވެ.
ރާއްޖޭގައި ޑޮކްޓަރުންނަށް ދެއްކުމުގެ ކިޔު ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ޑޮކްޓަރުންނާއި ވަސީލަތްތައް އިތުރުކުރަންޖެހޭ ކަމަށެވެ.
"މިހާރު މަޝްވަރާ ކުރެވެމުން މިދަނީ ހަވީރުގެ ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވިދާނެ ގޮތެއް،" ނާޒިމް ވިދާޅުވި އެވެ.
މިކަމުގެ މަޝްވަރާތައް ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކު ކުރިއަށްދާ ކަމަށާއި މިކަން ކުރެވޭނީ މުސާރައިގެ އިތުރުން އެލަވަންސް ހަމަޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވަނީ މި ސަރުކާރުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ އޯޕީޑީ ވަގުތު އިތުރުކޮށް ދެ ދަންފަޅިއަށް ހިދުމަތް ދޭން ފެށިކަން ފާހަގަކުރައްވާފަ އެވެ.
ނާޒިމް ވިދާޅުވީ އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓްތަކުގައި ކިޔު ދިގު ނަމަވެސް ބައެއް ޑިޕާޓްމަންޓްތަކުގައި ކިޔު ނެތް ކަމަށެވެ.
ބަލިމީހުން އަންނަ މިންވަރަށް ޑޮކްޓަރުން އަދި ޖާގަ ނެތުމަކީ ގޮންޖެހުމެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރު އަދި ބަލި މީހުންގެ އެނދުގެ ޖާގަ ނެތުމުން އޮޕަރޭޝަންތައް ފަސްކުރަންޖެހިފައިވާ ކަމަށެވެ.