މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރާއްޖެއާއި ތުރުކީއާ ދެމެދު އިގްތިސާދީ ގުޅުން ހަރުދަނާކުރަނީ

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އިސްކޮށް ހުންނަވައިގެން ތުރުކީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއެކު ބޭއްވި މުހިއްމު ބައްދަލުވުމެއްގައި ދެ ގައުމުގެ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި މިނިސްޓަރު ސައީދުގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހިރާއްޖެއާއި ތުރުކީއަކީ ތާރީހީ އަދި ސަގާފީ ގުޅުން ހުރި ދެ ގައުމު ކަމަށެވެ. މި ގުޅުން އިގްތިސާދީ ރޮނގުން އިތުރަށް ވަރުގަދަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖެއާއި ތުރުކީއާ ދެމެދު ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި، ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓާއި އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުހައްމަދު ރިޒާ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަކީ އިންވެސްޓްމަންޓަށް އެންމެ އެކަށޭނަ މާހައުލެއް ގާއިމުވެފައިވާ އަދި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެއްވަނަ އެވެ.

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމުކުރި މި ބައްދަލުވުމުގައި، އެ ބޯޑުގެ ޗެއާމަން ނާއިލް އޮލްޕަކް އިސްވެ ހުންނެވި އެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ތުރުކީގެ ވިޔަފާރިވެރިން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ހާއްސަކޮށް ބަނދަރުތައް ތަރައްގީކުރުމާއި މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ފާޅުކުރި އެވެ.

މިއީ މިދިޔަ ދެ އަހަރު ތެރޭގައި ދިވެހި ސަރުކާރުން ތުރުކީއާއެކު ބާއްވާ ދެވަނަ އިގުތިސާދީ ބައްދަލުވުމެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ ދާއިރާގެ ބައްދަލުވުމެއް ބޭއްވިފައިވެ އެވެ.