އެމްއެންޑީއެފް

އަސްކަރިއްޔާގެ އެންމެ ފަހުގެ އުޅަނދުތައް ދައްކާލައިފި

ދިވެހި އަސްކަރިއްޔާގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ޕެރޭޑުގައި ސިފައިން ބޭނުންކުރުމަށް އެންމެ ފަހުން ރާއްޖެ ގެނައި އުޅަނދުތައް ދައްކާލައިފި އެވެ.

ސިފައިންގެ ހިދުމަތަށް ގެނައި އާ އުޅަނދުތައް މިއަދު ދައްކާލި ނަމަވެސް މިއުޅަނދުތަކުގެ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ އެ އުޅަނދުތައް ގެނައި ގައުމެއް އަދި އުޅަނދުތަކަށް ކުރި ހަރަދެއްވެސް ސާފުވެފައެއް ނުވެ އެވެ.

ސިފައިންގެ ޕެރޭޑް މިއަދު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

މިއަދު ހަވީރު ސިފައިންގެ މައި މަރުކަޒު -- ބަންޑާރަކޮށިން ފެށި މި ޕެރޭޑުގައި ސިފައިންގެ ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން ޕެރޭޑް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ސަރަހައްދުގައި ޕެރޭޑް ކުރިއަށް ދިޔަ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދެ ދަރިކަލުންވެސް ބައްލަވާލެއްވި އެވެ.

މާލޭގެ ވަކި މަގުތަކެއްގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު ފަސް ސަރަހައްދެއްގައި މަޑުކޮށް، އަސްކަރީ ބޭންޑުން ރާގުތައް ކުޅެފައިވެ އެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ހިދުމަތްތައް ދައްކާލި އެވެ.

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ހިދުމަތް ފަށާފައިވަނީ އޭޕްރީލް 21، 1892 ގައެވެ.