މެސީ

މެސީގެ ނަސޭހަތުން ބާސެލޯނާގެ ޔަމާލްއަށް އިތުރު ހިތްވަރެއް

ބާސެލޯނާ އަށް ކުޅެމުން އަންނަ އުންމީދީ ޒުވާން ފޯވާޑް ލަމީން ޔަމާލްއަށް އެ ކްލަބަށް ކުރިން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގެ ފަހަތުގައިވާ ލެޖެންޑް ލިއޮނަލް މެސީ ނަސޭހަތެއް ދީފި އެވެ.

އުމުރުން 17 އަހަރުގެ ޔަމާލް އަކީ ބާސާގެ މުސްތަގުބަލްގެ އެންމެ އުޖާލާ އުއްމީދު ކަމަށްވާއިރު، މެސީއާއި އޭނާއާ ދެމެދު ދެކެވުނު ވާހަކަތަކުން ޔަމާލްގެ ކުޅުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ލަމީން ޔަމާލް ދައްކަމުންދަނީ ހަމަ އާދަޔާ ހިލާފު ކުޅުމެއް. އަދި އޭނާއަށް އުމުރުންވީ 17 އަހަރު. އެހެންކަމުން އޭނާގެ ކުޅުން އަދިވެސް ދަނީ ތަރައްގީވަމުން. ލިބޭ ތަޖުރިބާތަކާއެކު އޭނާގެ ކުޅުން އިތުރަށް ފުރިހަމަވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން," މެސީ ބުނި ކަމަށްވެ އެވެ.

މީގެއިތުރުން މެސީ ވަނީ މިހާރުވެސް ލަމީން ޔަމާލްއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ހުނަރުވެރި އަދި މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

ބާސާއަށް 21 އަހަރު ކުޅެފައިވާ މެސީ ބާސާގައި ވިދާލި ގޮތަށް ބާސާގައި މުސްތަގުބަލްގައި އެންމެ ވިދުން ގަދަވާނެ ކުޅުންތެރިޔަކީ ޔަމާލް ކަމަށް މިހާރުވެސް ބުނާ މީހުން މަދެއް ނޫނެވެ. ބާސާގެ ނަން އިތުރަށް ވަރުގަދަކުރަން ޔަމާލް އަކީ ގާބިލް ކުޅުންތެރިއެއް ކަމަށްވެސް ގަބޫލުކުރާ މީހުން ގިނަ އެވެ.

ހާއްސަކޮށް ހަތް އަހަރަށްފަހު ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ކުރި ދަތުރުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީވެސް ޔަމާލް އެވެ. މި ދަތުރުގައި ޔަމާލްގެ ހުނަރުވެރި ކުޅުމާއި، ސްޕީޑާއި، ބޯޅަ ކޮންޓްރޯލް ކުރުމުގެ ކުޅަދާނަކަމާއި އަދި ގޯލު ކުރިމަތީ ދައްކާ އުކުޅުތަކަށް ގިނަ ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

މިހާތަނަށް މި ސީޒަންގައި ބާސެލޯނާއަށް ޔަމާލް ކުޅެދިން 45 މެޗުން އޭނާ ވަނީ 14 ގޯލު ޖަހައި، 21 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. މިއީ އޭނާގެ އުމުރުފުރައަށް ބަލާއިރު އާދަޔާ ހިލާފް ރެކޯޑެކެވެ.

ބާސެލޯނާގެ މިހާރުގެ ކޯޗު ހަންސީ ފްލިކްވެސް ޓީމު އަތުރާއިރު އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔަކީ ޔަމާލް އެވެ.