ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުންނާއި ސަޕޯޓް ސްޓާފުން ހޯދަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމު ހިމެނޭ ގޮތަށް ޓީމުގެ މުހިއްމު ފަސް މަގާމަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އެފްއޭއެމުން މިއަދު ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ހުސްވެފައިވާ މަގާމުތަކަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް، އެސިސްޓަންޓް ކޯޗް، ޓީމު ޑޮކްޓަރު، ގޯލްކީޕަރު ޓްރެއިނަރު އަދި ފިޒިކަލް ޓްރެއިނަރުގެ މަގާމެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ހޮވޭ ފަރާތްތަކާއެކު ވެވޭ ކޮންޓްރެކްޓްގެ މުއްދަތަކީ ތިން މަސް ދުވަހެވެ.

ގައުމީ ޓީމުގެ މަގާމުތަކަށް ހޮވޭ މީހުންނާ އެކު ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއް ހަދަނީ މިއަހަރުގެ ޖޫން 22 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް އަމާޒުކޮށްގެން އެކަނި ކަމަށް ބެލެވެ އެވެ.

ހެޑް ކޯޗްގެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭއެފްސީ / ޔުއެފާ ޕްރޯ ލައިސަންސް ނުވަތަ އެ ފެންވަރުގެ ކޯޗިން ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި، ސީނިއަ ޕްރޮފެޝަނަލް ލެވެލްގައި މަދުވެގެން ހަ އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާ ހުރުން ހިމެނެ އެވެ.

އެސިސްޓަންޓް ކޯޗުގެ މަގާމަށް ކުރިމަތިލެވެނީ އޭއެފްސީ ކޯޗިން ލެވެލް ބީ ސެޓްފިކެޓް ނުވަތަ އެ ފެންވަރުގެ ފާހެއް އޮތުމާއި، މަދުވެގެން ފަސް އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާ ހުރި މީހުންނަށެވެ.

ގޯލްކީޕަރު ޓްރެއިނަރުގެ މަގާމަށް ކުރިމަތިލެވެނީ އޭއެފްސީ ގޯލްކީޕަރު ކޯޗިން ސެޓްފިކެޓް ލެވެލް 1، 2، 3 ނުވަތަ އެ ފެންވަރުގެ ސެޓްފިކެޓެއް އޮތުމާއެކު، 3-5 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހުންނަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފަހު ހެޑް ކޯޗަކީ އަލީ ސުޒޭނެވެ. އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅެފަ އެވެ. ސުޒޭން ގައުމީ ޓީމުން ވަކިވީ އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.