އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްކަން ޝައިޚް އިސްމާއީލް މުހައްމަދަށް

މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ޝައިޚް އިސްމާއީލް މުހައްމަދަށް ދެއްވައިފި އެވެ.

މ. ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއީލް މުހައްމަދަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ ރޭ އައިޔޫއެމްގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

އެމަނިކުފާނަށް މިޝަރަފް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ދ. މީދޫއަށް އުފަން ޝައިޚް އިސްމާއީލް މުހައްމަދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ އިލްމުވެރިއެކެވެ. އެމަނިކުފާނުގެ އިލްމީ ދަތުރު ފެށީ ފ. މަގޫދޫ އިންނެވެ. އަދި މާލޭގައި މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރެއްވުމަށްފަހު މުދައްރިސެއްގެ ގޮތުން މަޖީދިއްޔާ އަދި އަމީނިއްޔާ ސްކޫލްގައި ހިދުމަތްކުރެއްވި އެވެ.

މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފުރަތަމަ ވަޑައިގަތީ އިންޑިއާގެ ޓެމިލްނާޑޫގެ ޖާމިޔާ ދާރުއްސަލާމަށެވެ. އޭގެފަހުން މަދީނާ އިސްލާމިކް ޔުނިވަސިޓީން ޑިގްރީ ހާސިލުކުރެއްވި އެވެ. އެއީ އެ ޔުނިވަސިޓީން ތައުލީމު ހާސިލްކުރި ފުރަތަމަ ދިވެހި ދަރިވަރެވެ. ޝައިޚްގެ މަސައްކަތްޕުޅާއެކު، 100 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ.

ޝައިޚް އިސްމާއީލް މުހައްމަދު ވަނީ މާފަންނު އަވަށުގައި މަދްރަސާ ޠައިބާ ގާއިމުކުރައްވައި، ދިވެހިންނަށް އަރަބި ބަހުން އިސްލާމްދީން އުނގަންނަވައި ދެއްވާފަ އެވެ. މި މަދަރުސާއަކީ މިއަދުގެ ގިނަ އިލްމުވެރިންގެ ފުރަތަމަ އިލްމީ ހިޔާވަހިކަމަށް ވެގެން ދިޔަ އެވެ.

މީގެއިތުރުން ގާޒީއެއްގެ ގޮތުން ޝަރަފުވެރި ޚިދުމަތްތަކެއްވެސް ޝައިޚް އިސްމާއީލް މުހައްމަދު ކުރައްވާފައިވެ އެވެ.

ޝައިޚް އިސްމާއީލް މުހައްމަދު ވަނީ މިހާތަނަށް 40 ފޮތް ޝާއިއުކުރައްވާފަ އެވެ. މިހާރުވެސް "އައް ތަފްސީރު މުޔައްސަރު"ގެ ދިވެހި ތަރުޖަމާގެ މަސައްކަތް ކުރިއަށް ގެންދަވަ އެވެ. މި މަސައްކަތުގެ 22 ފޮތެއްގެ މުރާޖައާ ނިންމަވައި، ދެބައިކުޅަ އެއްބައި ފޮތް ޗާޕުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހޯއްދަވާފައިވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޝައިޚް އިސްމާއީލް މުހައްމަދުގެ ހިދުމަތްތަކަކީ ދިވެހި ގައުމަށް ނަމޫނާ ހިދުމަތްތަކެއް ކަމަށާއި، އެފަދަ ބޭފުޅުންގެ ހިދުމަތް ފާހަގަކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.