ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުން މޮސްކޯއަށް ވުރެ ބޮޑަށް ސުލްހައަށް އެދި ގޮވާ ބަޔަކު ނޯންނާނެ އެވެ. މޮސްކޯއިން އެއްވެސް އިރެއްގައި މަޝްވަރާގެ ދޮރުތައް ބަންދުނުކުރާ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޝިއާ އަބަދުވެސް އޮންނާނީ މަޝްވަރާކުރާ ފަޅީގައި ކަމަށާއި، ސުލްހައަށް އެދޭނަމަ އިޚްލާސްތެރިކަމާ އެކު ޔުކްރޭނުންވެސް ބައިވެރިވާންވީ ކަމަށެވެ.
ރަޝިއާގެ ރައީސްގެ ހައިސިއްޔަތުން ޕޫޓިން މިހާރު ވަނީ 30 ގަޑިއިރަށް ޔުކްރޭން ހަނގުރާމަ ހުއްޓާލަށް އަމުރުކުރައްވާފަ އެވެ. މާނަ އަކީ މި 30 ގަޑިއިރު ތެރޭގައި ރަޝިއާ ފަޅިން ޔުކްރޭނަށް އެއްވެސް ހަމަލާއެއް ނުދޭނެ އެވެ.
ޔުކްރޭންގެ ރައީސްއަށް ނުސީދާކޮށް މުޚާތަބުކުރައްވައި ޕޫޓިން ވިދާޅުވީ ސުލްހަ ބޭނުން ފަރާތްތަކުގައި ހުރި އިޚުލާސްތެރިކަން ދެއްކުމަށް 30 ގަޑިއިރު ފުދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލަން ގޮވާލާ ލިސްޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ބްރިކްސް ގައުމުތަކުގެ އެކުވެރިން ހިމެނޭ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން ޔުކްރޭނަށް ގޮވާލެއްވީ ބުއްދިލައިދޭ ބަޔަކު ލައިދޭ ނުބައި ބުއްދީން ރައްކާތެރިވުމަށެވެ. އަދި ގައުމަށާއި އާންމު ރައްޔިތުންނަށް ހެޔޮ ގޮތް އިޚުތިޔާރު ކުރެއްވުމަށެވެ.
ރަޝިއާއާ ހަނގުރާމަކޮށް ޔުކްރޭނަށް ދުވަހަކުވެސް ކާމިޔާބު ނުލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްވެސް ގަބޫލުކުރައްވަ އެވެ. އެމެރިކާއިން އެހީތެރި ނުވާނަމަ ޔުކްރޭން މިހާރު ބިންމަތީގައިވެސް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވަން ޓްރަމްޕް މިހާރު ވަނީ ޒެލެންސްކީއަށް މުހުލަތެއް ދެއްވާފަ އެވެ. މި މުހުލަތުގައި ގޮތެއް ނުނިންމައިފިނަމަ، އެއް ގޮތަކީ ސުލްހައިގެ މަޝްވަރާތަކުން އެމެރިކާ ބޭރުވުމެވެ. އަނެއް ގޮތަކީ ޔުކްރޭނަށް އެމެރިކާއިން ދޭ އެހީ ކަނޑާލުމެވެ.