ލަ ލީގާ

ސެލްޓަވީގޯ ބަލިކޮށް ބާސެލޯނާއަށް ހަތް ޕޮއިންޓުގެ ލީޑެއް

ސެލްޓާ ވީގޯ އާއި ދެކޮޅަށް ބާސެލޯނާ 4-3ގެ ނަތީޖާއެއް ހޯދައި މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްފި އެވެ.

ބާސެލޯނާގެ ދަނޑު، ކޭމްޕް ނައުގައި ރޭ ކުޅުނު މި މެޗުގައި، މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ ކުޅުމެކެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ފެރާން ޓޮރެސް ޖެހި ލަނޑާއެކު ބާސެލޯނާ ވަނީ ލީޑު ނަގާފަ އެވެ. އެހެންނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ސެލްޓާ ވީގޯގެ ތަރި ބޯހާ އިގްލޭސިއަސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ފުލުފުލުގައި ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް މެޗުތައް ކުޅެންޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނެ ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ މެޗުގެ ކުރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި އިގްލޭސިއަސް ޖެހި ދެވަނަ ލަނޑާއެކު ސެލްޓާ ވީގޯ ވަނީ 2-1 އިން ލީޑު ނަގާފަ އެވެ. އޭގެ 10 މިނެޓުފަހުން އިގްލޭސިއަސް މި މެޗުގައި ވަނީ ހެޓްރިކް ހަދައި ސެލްޓާގެ ލީޑު 3-1 އަށް ފުޅާކޮށްފަ އެވެ.

ޓީމުގެ ކުޅުމަށް ބަދަލު ގެނައުމުގެ ގޮތުން ބާސާގެ ކޯޗު ފްލިކް ވަނީ ފާމިން ލޮޕޭޒް އަދި ޓޮރެސްގެ ބަދަލުގައި ޑެނީ އޮލްމޯ އަދި ލަމީން ޔަމާލް ފަހު ވަގުތު ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާ އެކު ފެނިގެން ދިޔައީ ބާސާގެ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ރަފީނިއާ ފޮނުވި ޕާހަކުން އޮލްމޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ 3-2 އަށް ކުޑަކޮށްފަ އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ލަމީން ޔަމާލްގެ އެހީތެރިކަމާއެކު ރަފީނިއާ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 3-3 އިން އެއްވަރުވެފަ އެވެ.

މެޗުގެ ނަތީޖާ ނިމުނީ އިތުރު ވަގުތުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީއަކުންނެވެ. ބާސެލޯނާއަށް މެޗު ކާމިޔާބުކޮށްދިން ޕެޓަލްޓީ ޖެހީ ރަފީނިއާ އެވެ.

މުހިއްމު މޮޅަކާ އެކު ބާސެލޯނާ އޮތީ ލަ ލީގާގެ ޕޮއިންޓް ތާވަލުގައި 32 މެޗުން 73 ޕޮއިންޓާއެކު އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު މިހާރު ހަތް ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. ރެއާލް މެޑްރިޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.