އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށްޓަކައި ކޮންގްރެސްއެއް އަންނަ މަހު ބޭއްވުމަށް ނިންމައިފި އެވެ.
ނަމަވެސް މި ކޮންގްރެސް ބޭއްވުމަށް ސީދާ ވަކި ދުވަހެއް އަދިވެސް ކަނޑައަޅާފައި ނުވާ ކަމަށް އެފްއޭއެމްގެ އޮފިޝަލުން މައުލޫމާތު ދެއްވަ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މި ކޮންގްރެސްއާ ގުޅޭގޮތުން ފީފާއާއެކު މަޝްވަރާކުރަމުން ގެންދެ އެވެ.
ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަސާސީ ގަވާއިދު އިސްލާހުކުރުމަށްފަހު އައު އިންތިހާބެއް ބޭއްވުން ހިމެނެ އެވެ.
މި ކޮމިޓީގެ އެއް އަހަރުގެ ދައުރު ޖުލައި 23 ވަނަ ދުވަހަށް ހަމަވާނެ އެވެ. ދައުރު ހަމަވުމުގެ ކުރިން އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު ނުބޭއްވިއްޖެނަމަ، އެފްއޭއެމަށް ފީފާގެ ސަސްޕެންޝަނެއް އަތުވެދާނެކަމުގެ ބިރު އެބައޮތެވެ.
ފާހަގަކޮށްލެވޭ ކަމަކީ އެންމެ ފަހުން މިދިޔަ މަހު ބޭއްވި ކޮންގްރެސް އެއްވަނަ ޑިވިޝަންގެ ފަސް ކްލަބުން ބޮއިކޮޓް ކުރި ކަމެވެ. އެފްއޭއެމް އޮޑިޓްކުރާނެ އޮޑިޓް ފާމެއް އައްޔަންކުރުމަށާއި އެތެރޭގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމަށް ބޭއްވުނު އެ ކޮންގްރެސްގެ ކޯރަމް ހަމަވީވެސް ކިރިޔާއެވެ.
ފީފާއިން ހުށަހެޅި ޑްރާފްޓް، އަސާސީ ގަވާއިދުގައި ހަމައެކަނި މާލެ ސަރަހައްދަށް ނިސްބަތްވާ ކްލަބްތަކަށް ބަރޯސާވާ ގޮތަށް އޮތުމާ ގުޅިގެން ބައެއް ކްލަބްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިކަމާ ގުޅިގެން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގައި އެ ކްލަބްތައް ބައިވެރިވާނެކަމާމެދު ސުވާލު އުފެދިފައިވެ އެވެ.
އެފްއޭއެމް އިން މައުލޫމާތުދޭ ގޮތުގައި އަސާސީ ގަވާއިދު އިސްލާހުކުރަން ބާއްވާ ކޮންގްރެސް އޮބްޒާވްކުރުމަށް ކުރީގެ ކޮންގްރެސްއަށް ވަޑައިގެންނެވި ވަފުދަށްވުރެ ބޮޑު ވަފުދެއް ފީފާއިން ފޮނުވާނެ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި މަހު ފެށުމަށް އެފްއޭއެމުން މަސައްކަތްކުރި ފުޓްބޯޅަ ސީޒަން ފީފާއިން މަޑުޖައްސާލުމަށް އަންގާފައިވުމެވެ. އެގޮތަށް އެންގީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއި ނޯމަލައިޒޭޝަންގެ އެހެނިހެން މަސައްކަތްތަކަށް އިސްކަންދިނުމަށްޓަކައި ކަމަށް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި މެމޯގައި ބަޔާންކޮށްފައިވެ އެވެ.