ރައީސް މުހައްމަދު ނަޝީދު

ޕްރިފެރެންޝަލް ވޯޓިންއަށް ނަޝީދު ތާއީދުކުރައްވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަށް ދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަށް ދިއުމަށް ނަޝީދު ތާއީދުކުރައްވާފައި މިވަނީ އެގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން ތާއީދުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.

މުލިއާގޭގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާ އެކު މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި ފަރިއްކޮޅެއްގައި ރައީސްގެ ހިޔާލު ހުރި ގޮތް މެންބަރުންނާ ހިއްސާ ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމުން އެކަމަށް ހިނގާ ހަރަދުތައް ބޮޑު ކަމުން ކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ މަތިން ވޯޓު ނުލިބޭ ނަމަ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަންޖެހެ އެވެ.

ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމަވާ ރައީސް މުއިއްޒު އެކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި ހަތްވަނަ ދުވަހުގެ ރޭ ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް އެރޭ ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށްލުމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭ ތާރީހް ގާނޫނުއަސާސީގައި އަލުން ހިމަނަން އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަންޖެހޭ މައްސަލަތަކުގައި މިއަހަރު އާންމު ވޯޓެއް ނަގާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.