މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައިފި އެވެ.
ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 29ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މިއަހަރު ވަނީ ދާއިރާއެއް އިތުރުވެސް ކޮށްފަ އެވެ. އެއީ ޕޭސްޓްރީ އެންޑް ބޭކިންގެ ދާއިރާ އެވެ.
މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނެ އެވެ.
ގައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހެނީ ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވައިގެންނެވެ.