އެމްޓީސީސީ

އެމްޓީސީސީން 60 ވަޒީފާގެ ފުރުސަތު ހަމައެކަނި ދިވެހިންނަށް

އެމްޓީސީސީ އިން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.

އެމްޓީސީސީ އިން ހޯދަން އިއުލާންކޮށްފައިވަނީ 60 މުވައްޒަފުންނެވެ.

ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި ޓެކްނިކަލް އެސިސްޓެންޓްގެ މަގާމަށް 20 މީހުން، ކާޕެންޓަރުގެ މަގާމު ނުވަތަ ވަޑާންކުރުމުގެ މަސައްކަތަށް 20 މީހުން އަދި މޭސަން ނުވަތަ ރޭނުމުގެ މަސައްކަތްކުރުމަށް 20 މީހުން ހިމެނެ އެވެ.

މިމަސައްކަތްތަކަށް ބޭނުންވާ ހީވާގިކަމާ އެކު އަދި ޝައުގުވެރިކަމާ އެކު މަސައްކަތް ކުރާ ދިވެހިންނެވެ.

ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރެއިން ޓެކްނިކަލް އެސިސްޓެންޓުގެ މަގާމަށް އަސާސީ ތަޢުލީމު ހާސިލްކޮށްފައިވާ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެވެ އެވެ. ކާޕެންޓަރު އަދި މޭސަންގެ މަގާމަށް ކުރިމަތިލެވެނީ އެ މަސައްކަތް އެނގޭ ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ޓެކްނިކަލް އެސިސްޓެންޓްގެ މަގާމަށް ހޮވޭ މީހަކަށް މުސާރައިގެ ގޮތުގައި 10،000 ރުފިޔާ، ކާޕެންޓަރުގެ މަގާމަށް 11،400 ރުފިޔާ އަދި މޭސަންގެ މަގާމަށް 11،400 ރުފިޔާ ވަނީ ދިނުމަށް ވަނީ ނިންމާފަ އެވެ. މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ސްޓާފް މެޑިކަލް އިންޝުއަރެންސް ފައިސާ ހަމަޖައްސައިދެ އެވެ. މީގެއިތުރުން ޕެންޝަން ސްކީމުގައި ބައިވެރިކުރުމާއި ކެއުމާއި ހުރުމުގެ އިންތިޒާމު އެމްޓީސީސީ އިން ހަމަޖައްސައިދިނުންވެސް ހިމެނެ އެވެ.

ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 11:59ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.