ފައްޔާޒް އިސްމާއީލް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ފައްޔާޒު ދެކޮޅު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެކޮޅު ހައްދަވައިފި އެވެ.

ފައްޔާޒު ދެކޮޅު ހައްދަވާފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތާއީދު ކުރައްވާފައި ވަނިކޮށެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވ އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށެވެ.

"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ. މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"ނަމަވެސް ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި. ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ. މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަންޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްވަގުތެއްގައި ބޭއްވުމަކީވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅެކެވެ.