ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް 1-0 ނަތިޖާއަކުން ކުރި ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމި، އިތުރު ވަގުތުގައި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ޖެހި ގޯލުން އެޓީމު މޮޅުކޮށްދިނެވެ.
މި ނަތީޖާއާއެކު، ލީގުގެ ޓޭބަލްގައި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެފައިވެ އެވެ.
ބާސެލޯނާ އަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑަށް 32 މެޗުން 69 ޕޮއިންޓް ލިބިފައިވެ އެވެ.
ރެއާލް މެޑްރިޑުން މި މެޗުގައި ކުޅެފައިވަނީ އެޓީމުގެ ތަރި ކީލިއަން އެމްބާޕޭ ނުލަ އެވެ. އެމްބާޕޭ ހުރީ އެއް މެޗުގެ ސަސްޕެންޝަނެއްގަ އެވެ. އެއީ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.
މެޗުގެ ގިނަ ވަގުތުގައި ބިލްބާއޯގެ ގޯލްކީޕަރު އުނާއި ސިމޯން ވަނީ ފޫހިކަމެއް ނެތި ރެއާލްގެ ޝޮޓުތައް ހުއްޓުވާފަ އެވެ. ހާއްސަކޮށް އެޑުއާޑޯ ކަމަވިންގާ އަދި ޖޫޑް ބެލިންހަމްގެ ނުރައްކާތެރި ޝޮޓުތައް ސިމޯން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި އޮއްވައި، ވިނީޝިއުސް ޖޫނިއާ ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެ ގޯލު ކެންސަލްކުރީ ހަމަލާގައި ރެއާލްގެ އެންޑްރިކް އޮފްސައިޑްގައި ހުރިކަމަށް ނިންމާފަ އެވެ.
ރެއާލްއަށް މެޗު ކާމިޔާބުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގަ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ވޮލީއަކުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައެއް ޖަހައިގެން ވަލްވޭޑޭ ވަނީ ރެއާލަށް ތިން ޕޮއިންޓް ހޯދައިދީފަ އެވެ. މިއީ ވަލްވޭޑޭ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ޖެހި ފުރަތަމަ ގޯލެވެ. އަދި މި މޫސުމުގައި ލީގުގައި ޖެހި ހަވަނަ ގޯލެވެ.
މި ކާމިޔާބީއާއެކު ރެއާލް މެޑްރިޑަށް ވަނީ ލީގު ލިބިދާނެ ކަމުގެ އުއްމީދު އާވެފަ އެވެ.