ދުނިޔެ

އަސީރުން މިނިވަންކުރިއެއް ކަމަކު ހަމާސް ނައްތާލެވެންދެން ހަނގުރާމަކުރާނެ: ނަތަންޔާހޫ

ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީ އަސީރުން ދޫކުރަން އެ ޖަމާއަތުން ދެކޮޅުހަދާ ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުން ހުރިހާ އަސީރުން މިނިވަންކުރި ނަމަވެސް ޣައްޒާއިން ހަމާސްގެ ވަސް ފިލަންދެން ހަނގުރާމަކުރާނެ އެވެ. މުޅި ޣައްޒާ އެފުށްމިފުށަށް ޖަހާފައި ނަމަވެސް ހަމާސް ނައްތާލާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހަރުކަށި ބޮޑުވަޒީރު ވިދާޅުވީ ޣައްޒާއިން އިޒުރޭލަށް ނުރައްކާކޮށްފާނެ ހުރިހާ ކަމެއް ނައްތާލައްވާނެ ކަމަށެވެ. ހަނގުރާމަ މިހާރު އޮތް ހިސާބުން ސުލްހަވުމާ މެދު ގޮތެއް ކަނޑައަޅުއްވާނީ ހަމާސްއަށް އުފަން ހުރިހާ ބާރުތަކެއް ކަނޑުވާލެއްވުމަށްފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލަން ހަމާސްވެސް ބޭނުންވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ހަމާސްއަށް ފުރުސަތެއް ދީފި ނަމަ، ޔަހޫދީންގެ އާބާދީތަކަށް އަދިވެސް ހަމަލާދޭނެ އެވެ.

ހަމާސްގެ ކިބައިގައި އަލުން އެނބުރި އައުމުގެ ކުޅަދާނަކަން ހުރި ކަމަށް ނަތަންޔާހޫ އެއްބަސްވެ ވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ސުލްހައަށް އެއްބާރުލުން ދެއްވާނީ އެނބުރި ނާދެވޭ ވަރު ކުރައްވާފައި ކަމަށެވެ.

މިކަމަށް ނަގާނެ މުއްދަތު އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ. ހަމާސް ނަތާލަން ކިތަންމެ ދިގު ހަނގުރާމައަކަށްވެސް ތައްޔާރު ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ހަމާސްއާ އިޒުރޭލާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަަސައްކަތްތަކެއް ކުރެވުނު ނަމަވެސް އުފެދިފައި ހުރި ޚިލާފުތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލެވޭ ގޮތެއް އަދިވެސް ނުވެ އެވެ. ހަނގުރާމަ ހުއްޓުމަށް އެއްބަސްވުމަށް ފަހުވެސް އިޒުރޭލުން ވަނީ ހަމަލާތައް އަލުން ފަށާފަ އެވެ.