ބާސެލޯނާ

ލެވަންޑޯސްކީއަށް އަނިޔާވެ ފައިނަލްގައި ނުފެނިދާނެ

ބާސެލޯނާގެ މުހިއްމު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް އަނިޔާވެ ކުރިއަށް ހުރި މުހިއްމު މެޗުތަކުގައި ނުކުޅެވިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޕޮލެންޑްގެ ފޯވާޑަށް އަނިޔާވީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގަ އެވެ. އަނިޔާގެ ސަބަބުން އޭނާ ވަނީ ދަނޑުން ފައިބާފަ އެވެ.

އެހެންވެ މި މަހުގެ 27 ވަނަ ދުވަހު ބާއްވާ ސްޕެނިޝް ކަޕްގެ ފައިނަލް މެޗާއި، އަންނަ ހަފްތާގައި ބާއްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ލެވަންޑޯސްކީއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތެވެ.

ބާސެލޯނާ އިން ވަނީ ފޯވާޑް ބެންޗުގައި ހުންނާނެ މުއްދަތެއް ކަނޑައެޅިގެން ބުނެދެވެން ނެތް ކަމަށްވެސް ބުނެފަ އެވެ.

ލެވަންޑޯސްކީއަކީ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ކުޅޭ ބާސެލޯނާގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް 40 ލަނޑު ޖަހާފަ އެވެ.

ލެވަންޑޯސްކީގެ އިތުރުން ބާސެލޯނާގެ ޑިފެންޑަރު އަލެހެންދްރޯ ބަލްޑޭއަށްވެސް ވަނީ އަނިޔާވެފަ އެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުގައިވެސް ނުކުޅެ ހުރި ބަލްޑޭއަށްވެސް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ސީޒަނުގެ އެންމެ މުހިއްމު ދުވަސްތަކަށް އެޅުނުއިރު، ސްޕެނިޝް ލީގުން މެޗުތައް ތާވަލުކޮށްފައިވާ ގޮތާމެދު ވަރަށް ބޮޑަށް ނުރުހުންވެސް ފާޅުކޮށްފަ އެވެ.

އޭނާ ބުނެފައިވަނީ 15 ދުވަހުގެ ތެރޭގައި މުހިއްމު ފަސް މެޗު ކުޅެން ޖެހިފައިވާއިރު، ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ނެތް ކަމަށެވެ.