އަބްދުﷲ ޝާހިދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން: ޝާހިދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނުޖެހޭ ގޮތަށް ވޯޓުލާ ނިޒާމަށް ބަދަލު ގެންނަނީ ވޯޓު އޮޅުވާލުމަށް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން ތާއީދުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.

"ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓުގުނުން އެތައް ބުރަކަށް ދަންމާލާ، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް،" ޝާހިދު ވިދާޅުވި އެވެ.

ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައި ކަމަށާއި ވޯޓުލީ މީހުންގެ ސާފު އަގުލަބިއްޔަތު ކަމަށްވާ 50 ޕަސެންޓާއި އެއް ވޯޓު ލިބެންޖެހޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިހުލާސްތެރި ކަމުގެ ޒައްރެއްވެސްނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަށް ދިއުމަށް ރައްޔިތުން ނޫނެކޭ ބުނުމަށް ގޮވާލާފަ އެވެ.

ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްވެސް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަށް ދިއުމަށް ދެކޮޅު ހައްދަވާފަ އެވެ.