އުތުރުތިލަފަޅުގައި އިމާރަތްކުރަން ނިންމާފައިވާ ޖަލާއި ކުޑަކުދިންގެ އިސްލާހީ މަރުކަޒު -- "ހޯޕް އައިލެންޑް" ގެ މަޝްރޫއު ކޮށްދޭ ބަޔަކަށް ދ. ވާނީ އާއި ފަޅުތަކެއް ދޭ ގޮތަށް އެ މަޝްރޫއުތައް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މި ދެ މަޝްރޫއަށް އިއުލާނުކޮށްފައި ވަނީ ވަކިވަކިންނެވެ.
އުތުރުތިލަފަޅުގައި ގާއިމުކުރާ ޖަލު
މި މަޝްރޫއުގެ ތެރޭގައި ޖަލަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި އުތުރުތިލަފަޅުގައި ގާއިމުކުރަނީ 6،000 މީހުންގެ ޖާގައިގެ ޖަލެކެވެ.
މި ޖަލުގައި ތައުލީމާއި ތަމްރީން ދޭ ފެސިލިޓީ އާއި 1،000 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަން އެންޑް ޑިޓޮކްސް ފެސިލިޓީ އާއި ހާފްވޭ ހައުސްއެއް ހުންނާނެ އެވެ.
ބިން ހިއްކުމާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް މުޅި މަޝްރޫއު ކުރިއަށް ގެންދާ ބަޔަކަށް ބަދަލުގެ ގޮތުގައި ފަޅެއް ދޭން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
ބިން ހިއްކުން ނުހިމަނައި ހަމައެކަނި އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިއުމުން އަދި ބިން ހިއްކުމާއެކު އިމާރާތް ކުރުމުގެ އެއްބައި ހިންގުމުން ފަޅު ލިބޭ ގޮތެއްވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
އުތުރުތިލަފަޅުގައި ގާއިމުކުރާ ހޯޕްއައިލެންޑް
މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައިވެސް ހޯޕްއައިލެންޑަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި އުތުރުތިލަފަޅުގައި ގާއިމުކުރާ ހޮޕްއައިލެންޑަކީ 700 މީހުންގެ ޖާގައިގެ ފެސިލިޓީއެކެވެ.
މިތަނުގައިވެސް ތައުލީމާއި ތަމްރީން ދޭ ފެސިލިޓީ އާއި މިސްކިތެއް ހިމެނެ އެވެ.
ބިން ހިއްކުން ހިމެނޭ ގޮތަށް މުޅި މަޝްރޫއު ކުރިއަށް ގެންދާ ބަޔަކަށް ދ. ވާނީ އާއި ދެ ފަޅު ދޭން ވަނީ އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން ބިން ހިއްކުން ނުހިމަނައި ހަމައެކަނި ފެސިލިޓީ އިމާރާތްކުރާ ބަޔަކަށް ބަދަލުގެ ގޮތުގައި ދެ ފަޅު ދޭނެ ކަމަށް އިއުލާނުގައިވެ އެވެ. އަދި ބިން ހިއްކުމާއެކު އިމާރާތް ކުރުމުގެ އެއްބައި ހިންގުމުން ފަޅު ލިބޭ ގޮތެއްވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.