ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނުޖެހޭ ގޮތަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގާއިމުކުރަން ތާއީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އުފެއްދެވި ވަޓްސްއެޕް ޗެނަލްގައި ރައީސް މުއިއްޒު ވިދާޅުވީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަށް ތާއީދުކުރައްވާ ކަމަށާއި މި ނިޒާމަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ރައްޔިތުން ބޭނުންވާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓު ދޭ ނިޒާމެއް ކަމަށެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ޕްރިފަރެންޝަލް ވޯޓިންއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދުކުރައްވާފަ އެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ އިސްބައެއް ބޭފުޅުން ވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަށް ދެކޮޅު ހައްދަވާފަ އެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަށް ދެކޮޅު ހައްދަވާފަ އެވެ.
ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ މަތިން ވޯޓު ނުލިބޭ ނަމަ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަންޖެހެ އެވެ.
ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމަވާ ރައީސް މުއިއްޒު އެކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި ހަތްވަނަ ދުވަހުގެ ރޭ ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް އެރޭ ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށްލުމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭ ތާރީހް ގާނޫނުއަސާސީގައި އަލުން ހިމަނަން އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަންޖެހޭ މައްސަލަތަކުގައި މިއަހަރު އާންމު ވޯޓެއް ނަގާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.