ހަރަދުތައް ހަމަޖެއްސުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ތިން ޓީ-ބިލެއް ވިއްކާފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 57 މިލިއަން ރުފިޔާގެ ޓީބިލަކާއި މިއަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 772.8 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން އަންނަ އަހަރުގެ އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 450 މިލިއަން ރުފިޔާގެ ޓީބިލެކެވެ.
މި ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.87 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.
ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.