މުލި

މުލި އެއާޕޯޓުގައި ހުކުރު ދުވަހު ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެއްޖެ

މ. މުލި އެއާޕޯޓަށް އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން އެއާޕޯޓް އިންސްޕެކްޓް ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އާއި ސިވިލް އެވިއޭޝަން އޮތޯރިޓީގެ ޓީމެއް މިހަފްތާގެ ތެރޭގައި މުއްޔަށް ދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން ދަނީ މިމަހުގެ 30 ނުވަތަ ކުރިއަށް އޮތް މެއި އެއްވަނަ ދުވަހު އެވެ.

މުލި އެއާޕޯޓް ހުޅުއްވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.

މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.