ބަންކަރިން ހިދުމަތް

ބަންކަރިންގެ ހިދުމަތް ހުއްޓާލާފައެއް ނުވޭ: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި މުޅިން އަލަށް ފެށި ބަންކަރިންގެ ހިދުމަތް ހުއްޓާލާފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގެ އެންމެ އުތުރުގައި ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ. އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްގެން ދުވަސްކޮޅަކު ހިދުމަތް ދިނުމަށްފަހު އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފަހުން ދެމުން ގެންދިޔަ ތަނެއް ނުފެނެ އެވެ. އެހެންވެ ބަންކަރިން ހިދުމަތުން ފައިދާ ނުވެ ދައުލަތަށް ބޮޑު ގެއްލުމެއް ވާތީ އެ ހިދުމަތް ހުއްޓާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލްމީޑިއާގައި ބުނަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ހުއްޓާލާފައި ނުވާ ކަމަށާއި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި ބަންކަރިންނަށް ހާއްސަ ޕޯޓެއް އުތުރުގައި ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ޕޯޓެއް ނެތި ފެށީވެސް ހިދުމަތް އަވަހަށް ފަށައިގަތުމަށް،" ސައީދު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ދެނީ އެސްޓީއޯ އިން ކަމަށްވާތީ އެ ހިދުމަތުން ލިބޭ އާމްދަނީއާ ގުޅޭ ގޮތުން ސައީދު ވާހަކަދައްކަވާފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ބަންކަރިންގެ ހިދުމަތުން އެސްޓީއޯއަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ރަނގަޅަށް ދިނުމަށްޓަކައި ބަންކަރިންއާ ގުޅޭ ހާއްސަ ގާނޫނެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބަންކަރިންގެ ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭންކްތަކުގެ ތެރެއިން މާލީ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ތެލުގެ ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެން އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ބަންކަރިންގެ ހިދުމަތް އިފްތިތާހުކޮށް އެސްޓީއޯއިން އެންމެ ފުރަތަމަ ހިދުމަތް ފޯރުކޮށްދިނީ މޯލްޑިވްސް ސްޓޭޓް ޝިޕިން -- އެމްއެސްއެސް އިން އޮޕަރޭޓްކުރާ "ވައިސީ ބެރިއާ" އަށެވެ.