މޯލްޑިވްސް ޕޮލިސް ސާވިސް

ރޭގަނޑު ބޭރުގައި އެކަނި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރަނީ

ބ. އޭދަފުށީގައި ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން އޭދަފުށީގައި އިއްޔެ އެ މަސައްކަތް ފަށާފައިވަނީ ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކޮށް، ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރުމަށެވެ.

ފުލުހުން ބުނީ ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ހޯދައި، ކުށްތަކަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭދަފުށި ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ކުރަމުންނެވެ.

އޭދަފުށީ ކައުންސިލް އިދާރާ އިން ފުލުހުންނަށް ހަދިޔާކުރި ކެމަރާތައް ބޭނުންކުރާނީ ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޭދަފުށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ކެމަރާ ހަރުކުރުމުގެ މަސައްކަތް މި މަހު 20 ވަނަ ދުވަހު ފަށާފައިވާއިރު ބަނދަރު ސަރަހައްދުގައި ފައިބާ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.