މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލްބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ މިނިސްޓްރީގެ އިސްވެރިންނެވެ.
ޝައިޚް ޑރ. ޞަލާހުލްބުދައިރުއަށް ވީއައިއޭ އިން ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފަ އެވެ.
ޑރ. ޞަލާހުލްބުދައިރުގެ މިދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ އެންމެ މަތީ އިސްލާމީ ޝަޚްސިއްޔަތުން ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތަކާ ގުޅިގެން ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަޒީޒުގެ ހުއްދައާއި އެކު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޑރ. ޞަލާހުލްބުދައިރު ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ޑރ. ޞަލާހުލްބުދައިރުގެ މިދަތުރުފުޅުގެ ތެރެއިން އިސްލާމިކް މިނިސްޓަރު ޝަހީމްއާ ރަސްމީކޮށް ބައްދަލުކުރެއްވުމާއި، ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރެއްވުމާއި، ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ދީނީ އިލްމުވެރިންނާއި، ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ސަލްމާން ރަސްގެފާނު މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އެ މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުމާއި އެރޭ ހާއްސަ ދަރުސްއެއް ދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީވެސް ޑރ. ޞަލާހުލްބުދައިރު އެވެ.