މިހާރު އޮތް ޕެންޝަންގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި ނަމަވެސް މައްސަލަތައް ހައްލުކުރަންވާނީ މިހާރު ލިބޭ އަދަދުތައް މަދުނުވާ ގޮތަކަށް ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވެއްޖެ އެވެ.
ޕެންޝަންގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ޕެންޝަންގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ސުޖާތާ ވިދާޅުވީ ޕެންޝަން ގާނޫނު ވުޖޫތައް އައިތާ 15 އަހަރު ވެެގެން ދިއުމާ އެކު ޕެންޝަން ނިޒާމުގައި ހައްލުކުރަންޖެހޭ މުހިއްމު މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި އެ މައްސަލަތައް ހައްލުނުކޮށް މިހާރު އޮތް ޕެންޝަން ނިޒާމު ދެމެހެއްޓޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޝުޖާތާ އެންމެ ބޮޑަށް ފާހަަގަކުރެއްވީ ޑަބްލް ޕެންޝަން ދިނުމާއި މިހާރު އޮތް ޕެންޝަން ސްކީމުގެ ބޭރުން ވަކިވަކި އިދާރާތަކުން އަމިއްލަ އަމިއްލައަށް ހިންގަމުންދާ ޕެންޝަން ސްކީމުތަކުގެ ސަބަބުން މުޅި ނިޒާމަށް ބުރަ ބޮޑުވަމުންދާ މައްސަލަ އެވެ.
"[ޕެންޝަނަށް] ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް މިހާރުވެސް އޮތްއިރު އޭގެ ބޭރުން އެއްވެސް ކޮންޓްރިބިއުޝަނަކާ ނުލައި ހިންގާ ސްކީމުތަކާ ގުޅިގެން ޕެންޝަން ގާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން ހަގީގަތުގައި މަދުވާނެ،" ޝުޖާތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭސިކް ޕެންޝަނަށް މިހާރުވެސް ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހަރަދުވެ އެވެ. މިނިޒާމު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދާނަމަ 2030 ވަނަ އަހަރު އެ އަދަދު ހަތް ޕަސެންޓް އިތުރުވާނެތީވެ އެއީ ދައުލަތަށް ދެމެހެއްޓޭނެ ނިޒާމަކަށް ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝުޖާތާ ވިދާޅުވީ ޕެންޝަން ސްކީމުގެ ބޭރުން ހިންގާ ސްކީމުތަކާ ގުޅިގެން ތަފާތުކުރުންތަކެއް ހުރި ނަމަވެސް އެފަދަ ސްކީމުތައް ހުއްޓުވަންޖެހޭނީ އުސޫލުތަކެއް އެކަށައަޅައި އަދި އެކަށީގެންވާ މުއްދަތެއްވެސް ދިނުމަށްފަހު ކަމަށެވެ. ޕެންޝަން ގާނޫނަށް ގެންނަ ބަދަލުތަކާ އެކު ވަޒީފާ އިން މުސްކުޅި ކުރާ އުމުރު 65 އަހަރަށް ވުރެ މަތި ކުރަންޖެހޭ ކަންވެސް ފާހަގަކުރެއްވި އެވެ. އަދި ހިދުމަތާއި ތަކެތީގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް ޕެންޝަނަށް ލިބޭ އަދަދު ބޮޑުވާންޖެހޭ ގޮތަށް ނިޒާމު ބައްޓަން ކުރަންޖެހޭ ކަަމަށްވެސް ވިދާޅުވި އެވެ. އަދި މައްސަލަތައް ހައްލުކުރާއިރު އެއްވެސް މީހަކަށް ލިބެމުންދާ އަދަދުތައް މަދުވެގެން ދިއުމަކީވެސް ހަމަޖެހޭ ގޮތަކަށް ނުވާނެ ކަމުގައި ވިދާޅުވި އެވެ.
"ރިފޯމެއް ގެންނައިރު އެންމެ މުހިއްމު ކަމަކަށް ވާންޖެހޭނީ ކަޓް އޮފް ޑޭޓެއް ކަނޑައެޅުން،" ޝުޖާތާ ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހްވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ޕެންޝަން ސްކީމުގެ ބޭރުން ވަކިވަކި އިދާރާތަކުން ހިންގަމުންދާ ސްކީމުތަކާ ގުޅޭގޮތުންނެވެ. އޭނާ ވިދާޅުވީ ޕެންޝަން ސްކީމު ހިންގަން ޖެހޭނީ ޕެންޝަން އޮފީހުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސީއެސްސީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2008 ވަނަ އަހަރުން ފެށިގެން މިދިޔަ މާޗް މަހުގެ ނިޔަލަށް 5،336 މީހަކަށް
ޕެންޝަން އިނާޔަތް ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ ތެރެއިން 55 އަހަރު ވެގެން މުސްކުޅި ކުރެވުނު 1،612 މީހުންނާއި 65 އަހަރު ވެގެން މުސްކުޅި ކުރެވުނު 3،724 މީހުން ހިމެނެ އެވެ.
ޕެންޝަން އޮފީހުން އެއްކޮށްފައިވާ ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތުގެ 13 އިދާރާއަކުން ވަކިވަކި ޕެންޝަން ސްކީމުތައް ހިންގަ އެވެ. އެފަދަ ސްކީމުތަކަށް އެކަނިވެސް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވެ އެވެ. އަދި މިދިޔަ އަހަރުވެސް ޑަބަލް ޕެންޝަން ސްކީމްތަކަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.