މަސްތުވާތަކެތި

ޑްރަގު އެތެރެކުރި ބޭރު މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސަނީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބިދޭސީ 10 މީހުންނަށް އެންމެ ފަހުން ދައުލަތުން ވަކީލުން ހަމަޖައްސައިދޭން ޖެހިއްޖެ އެވެ.

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗް މަހު އެވެ.

އެ އެންމެންވެސް ހައްޔަރުކޮށްފައިވާއިރު އެކި ފަހަރު މަތިން އެ މީހުންގެ ބަންދު މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

އެންމެ ފަހުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ ބޯޓު ދުއްވާ އެޖެންސީން އެ މީހުންނަށް ވަކީލުން އެންމެ ފުރަތަމަ ހަމަޖައްސައި ދިން ނަމަވެސް ދައުލަތުން މިހާރު ވަނީ އެ މީހުންނަށް ވަކީލުން ހަމަޖައްސައިދީފަ އެވެ.

މި މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތްތަކަށް ފާހަގަކުރެވިފައިވެ އެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އަދި އިންޑޮނީޝިއާ މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ.