ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އޮޅުވާލައިގެން ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ބައި މިލިއަނަށް ވުރެ ގިނަ ހޯދި އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި މިއަދު އެދިއްޖެ އެވެ.
އޭސީސީ އިން ދައުވާކޮށްދިނުމަށް އެދިފައިވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ކުރިން ހުރި މ. ސީވިންޑް، ފުތިޙަ ޝާކިރުގެ މައްޗަށެވެ.
އޭސީސީ އިން ބުނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗްޑީސީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550,000.00 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ފުތިހަ ޝާކިރުގެ މައްޗަށް ކުރަން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ. އަދި ބިން ވިއްކާނެ ކަމަށް ބުނެ ފުތިހަ ޝާކިރު ހޯދާފައިވާ 550,000.00 ރުފިޔާ އެ ދައުވާގެ ތެރެއިން އަނބުރާ ހޯދުމަށްވެސް އެދިފައިވެ އެވެ.
އެޗްޑީސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އެތައް މައްސަލަތަކެއް ފުލުހުންނާއި އޭސީސީ އިން ދަނީ ބަލަމުންނެވެ. ނަމަވެސް މިމައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުން ލަސްމުންދާތީ އެތައް ބައެއްގެ ފާޑުކިޔުން އަބަދުވެސް ކުރިމަތިވެ އެވެ.