މޯލްޑިވްސް ޕޮލިސް ސާވިސް

ކެފޭއެއްގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގެ ކެފޭއެއްގެ ތެރޭގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.

މާފަންނުގައި ހުންނަ ކެފޭއެއްގައި ހިންގި މާރާމާރީގައި ޒަހަމްވީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި މި މާރާމާރީ ހިންގަން މެދުވެރިވި ވަކި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގީ އެއް ގުރޫޕަކުން އަނެއް ގުރޫޕެއްގެ މީހަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

ޒަހަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.