މުހައްމަދު ސައީދު

ތައިލެންޑާއެކު އިގުތިސޯދީ ގުޅުންތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމުދުވިނާއި އާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އިގުތިސޯދީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ.

މިނިސްޓަރު ސައީދު މީގެކުރިން ވަނީ ތައިލެންޑްގެ ކޮމާސް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ސައީދު މައިގަނޑު ގޮތެއްގައި ބާރު އެޅުއްވީ އެ ގައުމަށް ގިނަ ދިވެހިން ދަތުރު ކުރާތީ މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ދިވެހިންނަށް ވިސާގެ ކަންކަން ހަމަޖެއްސުމާ މެދުގައި ކަމަށެވެ. އެ ގައުމަށް އަންނަ ގިނަ ދިވެހިންނަކީ ވިޔަފާރިވެރިންނަށް ކަމަށް ވާ އިރު، ދިވެހި ވިޔަފާރިވެރިންނަށް އެ ގައުމުގެ މައުލޫމާތުތައް ދިނުމަށް ޓްރޭޑް ފެސިލިޓޭޝަން އޮފީހެއް ތައިލެންޑްގައި ގާއިމް ކުރުމަށް ފުރުސަތު ދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރަށް ތައިލެންޑަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ތައިލެންޑްގެ ބޯޑް އޮފް އޮންވެސްޓްމަންޓްސްއާ ވެސް މިނިސްޓަރު ސައީދު ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި ތައި އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރު ކުރުމަށް ބާރު އަޅުއްވައި އެކަމުގެ ޔަގީންކަން ހޯއްދެވި އެވެ.